ރާއްޖެއިން ބޫޓާން އަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު، އަލްފާޟިލާ ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް އަށް އަރުވައިފިއެވެ.
ބޫޓާންގެ ވެރިރަށް ތިމްޕޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ޝީނީން ވަނީ ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.
އެހެންކަމުން ސަފީރު ޝިއުނީން ރަޝީދަށް، ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް ވަނީ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވެފައިވެއެވެ.
މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވިކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޫޓާންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވިކަމަަށް ހާރިޖިއްޔާއިން ވަނީ ބުނެފައެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ސަފީރު ފާހަގަ ކުރެއްވިކަމަށް ވެސް ބުނެފައިވެއެވެ.
ހާރިޖިއްޔާއިން ބުނީ ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަންވެސް އެ ކަމަނާ ފާހަގަކުރެއްވި ކަމަށެވެ.
ބޫޓާންގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އެކަމަނާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާއިރު މި ބައްދަލުވުންތަކުގައި، ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.
އަލްފާޟިލާ ޝިއުނީން ރަޝީދު، ރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވީ 26 ފެބްރުއަރީ 2025 ގައެވެ.
ރާއްޖެއާއި ބޫޓާން އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވިފައިވަނީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.




