ލ. ކުނަހަންދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް މަސްހިފަން ގޮސް އުޅުނު މީހަކަށް، އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) ގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ތަކެތި ފެނިއްޖެއެވެ.
މި ތަކެތި މިހާރު ވަނީ ކުނަހަންދޫ ބޯޓުޔާޑު ސަރަހައްދަށް ގެންގޮސްފައެވެ.
ކުނަހަންދޫ ކައުންސިލުން ބުނީ، މި ތަކެތި ފެނިފައިވަނީ އެ ރަށުގައި އާންމުކޮށް މަސްހިފަން އުޅޭ މީހަކަށް މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. ނަމަވެސް އެއީ ރޮކެޓެއްގެ ބައިތަކެއްކަން އެ މީހާއަށް ކުރިން އެނގިފައި ނުވާ ކަމަށާއި، އެ ތަކެތި ރަށަށް ގެންދިޔައީ އޭގައި ހުރި އިސްކުރާއި އެހެނިހެން ބައިތައް ބޭނުންކުރުމުގެ ބޭނުމުގައި ކަމަށް ކައުންސިލުން ބުންޏެވެ.
”އެ މީހުން ވެސް އޭގައި ހުރި އިސްކުރުތަކާ އެއްޗެހި ބޭނުންވެގެން މިކޮޅަށް ގެނައީ. ގެނެސް ކުނަހަންދޫ ބޯޓުޔާޑު ސަރަހައްދުގައި ބާއްވައިފައި އޮއްވައި ކުދިންތަކަކަށް ފެނިގެން އެނގުނީ އިންޑިއާގެ ރޮކެޓެއްގެ ބައިތަކެއްކަން،“ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި އެ ތަކެތީގައި ހުރި ލިޔުންތަކަށް ބަލާއިރު އެއީ 2025 ވަނަ އަހަރުގެ ލޭބަލް ޖަހާފައިވާ ވަރަށް ފަހުގެ އެއްޗެހިތަކެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ތަކެތީގައި އިސްރޯގެ ނަމާއި އިންޑިއާގެ ދައުލަތުގެ ނިޝާން ހުރީ ފެންނާށެވެ. ބެލެވޭ ގޮތުގައި މިއީ ރޮކެޓްގެ އެންމެ ކުރީކޮޅުގައި ސެޓެލައިޓްތައް ހިމާޔަތްކޮށްދޭން ބޭނުންކުރާ ’ޕޭލޯޑް ފެއަރިންގް‘ ގެ ބައިތަކެކެވެ.

މިދިޔަ މަހާއި މިދިޔަ އަހަރުގެ ތެރޭގައި އިސްރޯއިން ފޮނުވާލި ޕީއެސްއެލްވީ ރޮކެޓްތަކެއް ފެއިލްވެ، އޭގެ ބައިތައް އިންޑިއާ ކަނޑަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު ވެއްޓުނު ރޮކެޓެއްގެ ބައިތައް ލަންކާގެ އައްސޭރިފަށުން ވެސް ފެނިފައިވާއިރު، ކަނޑުގެ އޮއިވަރާއެކު މި ތަކެތި ރާއްޖެއަށް ލެއްގުމަކީ އެކަށީގެންވާ ކަމެކެވެ.
ކުނަހަންދޫ ކައުންސިލުން ބުނި ގޮތުގައި، ފުލުހުން މިހާރު ވަނީ އެ ތަކެތި ބަލައިފައެވެ. އަދި އެމްއެންޑީއެފްގެ ސިފައިން އެ ތަކެއްޗާ ހަވާލުވުމަށް މިއަދުގެ ވަގުތެއްގައި އެ ރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.




