މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, 3 ދާއިރާއަކުން 22 އެވޯޑެއް ދީފިއެވެ.
”ވެލާނާ އެވޯޑްސް“ގެ ނަމުގައި ކްރޮސް ރޯޑްސްގައި ރޭ ބޭއްވި ހަފްލާގައި ދިން އެ އެވޯޑަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެފަދަ އެވޯޑެވެ.
ވެލާނާ އެވޯޑްސް ލިބުނު ފަރާތްތައް:
- އެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސް
- ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް

މި ރަސްމިއްޔާތުގައި މަރުހަބާވިދާޅުވީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރއިބްރާހިމް ޝަރީފް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ބޯރޑްމެންބަރުންނާ، އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭއެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.
އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ ކާމިޔާބީ މިނެކިރާ އެންމެ މުހިންމު އެއްމިންގަނޑެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރިއެރުމަކީ ހަމައެކަނި ޢަދަދުތަކެއް ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް ސީއީއޯ އަދިއެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވިއެވެ

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އިތުރަށް ވިދާޅުވީ, ކޮންމެއަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރު ކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލުމަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވީއައިއޭގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ.



