މީގެ ތިން އަހަރު ކުރިން އެމެރިކާގެ ސީއެޓްލްގައި، ފުލުހުންގެ ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި އިންޑިއާގެ ޓެލޫގޫއަށް ނިސްބަތްވާ ޖާނަވީ ކަންޑުލާއަށް އެންމެ ފަހުން އިންސާފު ލިބިއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، މި އެކްސިޑެންޓު ހިނގުމުން ކާރު ދުއްވަން އިން ފުލުސް މީހާވަނީ ޖާނަވީ މަރަށް ތެޅޭތީ އޭނާއަށް މަލާމާތްކޮށް، ޖޯކު ޖަހާފައެވެ. އެ މަންޒަރު އޮން ކެމެރާގައި ރިކޯޑުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މީގެ 3 އަހަރު ކުރިން ހިނގި މި އެކްސިޑެންޓާ ގުޅިގެން ވޮޝިންޓަންގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ، ޖާނަވީގެ މަރުގެ ބަދަލުގައި 29 މިލިއަން ޑޮލަރު (262 ކްރޯޑް ރުޕީސް) އެ އާއިލާއަށް ދޭން ނިންމާފައެވެ.
ނަމަވެސް އިންސާފު މިހާ ލަހުން ލިބުމުން ޖާނަވީގެ އާއިލާއަށް ލިބުނު އުފަލެއް ނެތެވެ.
ޖާނަވީގެ މަރާ ގުޅިގެން އިންސާފު ހޯދުމަށް އެންމެ ގަދައަޅާ މަސައްކަތް ކުރީ އޭނާގެ ބައްޕަ ޕޮލިސް ކޮންސްޓެބްލް ކަންޑުލާ ޝްރީކާންތު އެވެ. ނަމަވެސް ޖާނަވީއަށް އިންސާފު ލިބިފައި މިވަނީ، އޭނާގެ ބައްޕަ މަރުވިތާ ދެދުވަސް ފަހުން، މި މަހުގެ 12 ވަނަ ދުވަހުގައެވެ.
އެމެރިކާއިން ޑިގްރީއެއް ހާސިލު ކުރުމަށް ފޮނުވި ޖާނަވީގެ މަރާ ގުޅިގެން އެތައް ބަޔަކު ވަނީ އެ އާއިލާއަށް ހަމްދަރުދީވެ، އެހީތެރިވެފައެވެ.



