މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދަމާގެ ހުރިހާ މަޝްރޫޢެއްގެ މަސައްކަތް މިއަހަރު ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި މަތީން ވިދާޅުވީ ފެނާއި ނަރުދަމާގެ 27 މަޝްރޫޢެއްގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކުރިން ފަށާފަ ހުއްޓިފަ ހުރި މަޝްރޫޢުތަކެއްކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ކަމަށެވެ.
”މިހާރު ފެނާއި ނަރުދަމާގެ 27 އަޅުގަނޑުމެން އެމްޑަބްލިޔުއެސްސީން ކުރިއަށްއެބަ ގެންދަން. އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކުރިން ފަށާފަ ހުއްޓިފަ ހުރި މަޝްރޫޢުތައް. ޑަބްލިޔުއެސސީއާ ހަވާލުކުރައްވާފައިވާ ރަށްތައް ފަށައިގެން ކުރިއަށް މި ގެންދަނީ. އިރާދަކުރެއްވިއްޔާ ހުއްޓުމުއްނެތި މަސައްކަތްތައް ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންނާ މިހާރު ހަވާލުކުރައްވާފައިވާ ހުރިހާ ނަރުދަމާގެ މަސައްކަތެއްވެސް މިއަހަރު ތެރޭގައި ނިންމުން“ މަތީން ވިދާޅުވިއެވެ.
މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދާއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ. މަސައްކަތްކުރާނެ މީހުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ.



