މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. ކަނޑުހުޅުދޫ، ގއ. ކޫއްޑޫ އަދި ގދ. ވާދޫގައި ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ކަނޑުހުޅުދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ވާދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިން ކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ކޫއްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޫއްޑޫއިން 30 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްްޗެއް ހުރި ރަބަރު ގަނޑެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



