ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީއަށް ކާމިޔާބުކޮށްދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތްޕުޅު ދެމެހެއްޓުމަކީ ގައުމީ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން ކުރަންޖެހޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު ކަމަށާއި، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ފައްޓަވާފައިވާ ގައުމީ ހިދުމަތްތަކަކީ ރާއްޖެއަށް މުޅިން އައު ފަތިހަކަށް އަލިވިލާނެ ފަދަ މުހިއްމު އިންގިލާބީ މަސައްކަތްތަކެއް ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ ގިނަ ކަންތައްތަކެއް އިސްލާހުކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަންކަން ރަނގަޅު މިސްރާބަށް ބަދަލުކުރައްވައި، އަންހެނުންނަށް މަގުތައް ފަހިކޮށްދެއްވައި، އިޖުތިމާއީ ފޭރާން އަލުން ވިއުއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިގޮތުން ޒުވާނުން ތަރުބިއްޔަތު ކުރުމަށް ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމާއި، ޒުވާން ހަތީބުންނާއި ހާފިޒުން ތަމްރީނުކުރުމުގެ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަކީ ޕީއެންސީގެ ދެވަނަ ދައުރަކަށް ރައީސް މުޢިއްޒުގެ ޒައާމަތުގައި ދަތުރުކުރުމަށް އޮތް ވަރަށް ފުޅާ މަގެެއް،ކަމަށް ވިދާޅުވެ، ޕާޓީގެ މެންބަރުން އަތުގުޅާލައިގެން އެކުއެކީގައި މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސިޓީތަކަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ ޕީއެންސީގެ މެންބަރުން ވަރަށް ބަދަހިކޮށް، ޖޯޝާއި ހިތްވަރާއެކު އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
އަދި ރާއްޖެ ސަލާމަތްކުރުމަށްޓަކައި އަންނަ އޭޕްރިލް 4 ގައި އޮންނަ މި އިންތިހާބު ކާމިޔާބުކުރުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




