ކްރޫޒް ލައިން އޮޕޭރޭޓުކުރާ އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކިއުނާޑް ކުންފުނީގެ ”ކުއީން އޭން“ ކްރޫޒްލައިނާ މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ.
މި ބޯޓު ރާއްޖެއަށް އައިސްފައިވަނީ 2،669 ފަތުރުވެރިންނާއި 1،250 ފަޅުވެރިންނާއެކުގައެވެ.
މި ބޯޓު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ ސުޕަ ޔޮޓުފަހަރާއި ކްރޫޒްލައިންތައް ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ.
ކުއީން އޭން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. މި ހަފުލާގައި މޯލްޑިވްސް އިމިގްރޭޝަން، މާޔާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ކްރޫޒްލައިނަށް ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ.
މި ހަފުލާގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހު ބައިވެރިވެވަޑައިގެންނެވިއެވެ. އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި އުޅަނދުން ދަތުރުކުރި ފަތުރުވެރިންނާއި ފަޅުވެރިންނަށް ކްލިއަރެންސް ދިނުމުގެ ހިދުމަތް ފޯރުކޮށްދިނީ އިމިގްރޭޝަނުގެ ހާއްސަ ޓީމެއް ސޭޝެލްސްއަށް ގޮސް، އެތަނުން ބޯޓާ ގުޅިގެންނެވެ.
ކުއީން އޭން އަކީ 323 މީޓަރު ދިގު އަދި 36 މީޓަރު ފުޅާ، 14 ފަންގިފިލާގެ ބޮޑު އުޅަނދެކެވެ. މި އުޅަނދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކަށް ހާއްސަ 15 ރެސްޓޯރެންޓާއި، މިއުޒިކާއި ޑްރާމާ ކުޅޭނެ ފެންވަރު ރަނގަޅު ތިއޭޓަރެއްގެ އިތުރުން ޖިމާއި ފިޓްނަސް ސެންޓަރު ފަދަ ޒަމާނީ ހިދުމަތްތައް ގާއިމުކޮށްފައިވެއެވެ.
ކިއުނާޑް ކުންފުންޏަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރޫޒްލައިނެއް ގެނައި ކުންފުންޏެވެ.




