ފެބުރުއަރީ މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯ އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 12 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ވަނީ 843,897 ރުފިޔާ ޖަމާކޮށްފައެވެ.
މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 10,805,949.30ރުފިޔާ މަސް ދޯނިފަހަރަށް ދޫކޮށްފައިވެއެވެ.
ފައިސާ ދޫކުރި ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 9,091,446.30ރ. ދީފައިވެއެވެ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 469,548ރ. ޖަމާކޮށްދީފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 1,244,955ރ. ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތް ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު އެ ފައިސާ ދޫކޮށް ވަނީ ނިންމަވާފައެވެ.
އަދި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު، މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.



