ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު ދީފިއެވެ.
ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ނަތީޖާތަކުން ދައްކާ ގޮތުގައި މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން، ބީއެންޕީ ހިމެނޭ ކޯލިޝަނަށް 209 ގޮނޑި ވަނީ ކާމިޔާބުވެފައެވެ.
އެ އިންތިހާބަކީ 2024 ވަނަ އަހަރު ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު އެ ގައުމުގައި ނެގި ފުރަތަމަ ވޯޓެވެ.
ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި އެކުލަވާލި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް 13 ގައުމެއްގެ ވެރިންނަށް ދައުވަތު ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އާ ސަރުކާރުގެ ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ އަންގާރަ ދުވަހު ޑާކާގައި އޮންނަ އިރު، ދައުވަތު ދިން ވެރިންގެ ތެރޭގައި ރައީސް މުޢިއްޒު ވެސް ހިމެނެއެވެ.
އެ ރަސްމިއްޔާތަށް ދައުވަތު ދިން އެހެން ޤައުމުތަކަކީ:
° ޗައިނާ
° ސައުދީ އަރަބިއްޔާ
° އިންޑިއާ
° ޕާކިސްތާން
° ތުރުކީ
° ޔޫއޭއީ
° ގަތަރު
° މެލޭޝިއާ
° ބުރޫނެއީ
° ޝްރީ ލަންކާ
° ނޭޕާލް
° ބޫޓާން



