މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން މިއަދު ގެނެސްފިއެވެ.
އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަންދިހަފަހެއްގެ ނޫޓުތަކުގެ ތެރެއިން، 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން މިއަދު އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
އެމްއެމްއޭ އިން ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، އާ ސްޓޮކްގެ ނޫޓުތައް ވަރަށް އަވަހަށް މާކެޓަށް ނެރޭނެ ކަމަށާއި ނެރުމުގެ ކުރިން ވެސް އިއުލާނު ކުރާނެ ކަމަށެވެ.
ދާދިފަހުން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން، އެމްއެމްއޭއިން މި މަހުގެ 2 ވަނަ ދުވަހު ވަނީ 100 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ވެސް ޗާޕުކޮށްގެން ގެނެސްފައެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، އެމްއެމްއޭ އިން ”ރަންދިހަފަހެއް“ ގެ ނަމުގައި ފައިސާގެ އާ ނޫޓެއް ތައާރަފްކުރީ ޖެނުއަރީ 2016 ގައެވެ. އެ ނޫޓު ހެދީ ޕޮލިމާ ކަރުދާހުގައި މުޅިން އާ ޑިޒައިނަކަށެވެ. މި ނޫޓް ސީރީޒް ނެރުމަށްފަހު، ކުރީގެ ނޫޓުތައް ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ.



