ޅެންވެރިންނަކީ ޤައުމެއްގެ ދެމިއޮތުމާއި، އަޚުލާގާއި، ދިރިއުޅުމުގެ މާނަތަކާއި މަޤްޞަދުތައް މުޖުތަމަޢަށް ބަޔާންކޮށްދޭ ބައެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ހައި ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ ޅެންވެރިކަން ޒުވާން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ގެންގުޅުއްވާ ތަޞައްވުރަށް އަލިއަޅުއްވާލެއްވިއެވެ.
”އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ މުޚާޠަބުކުރެއްވުމުގައި ދިވެހި ތަރިކައިގެ ދާއިރާއާއި ގުޅޭ ޚާއްސަ ވާހަކަތަކެއް ބަޔާން ކޮށްދެއްވާފައި. އަދި މި ދާއިރާ ޢިލްމީ ކުރުމާއި މިދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޚާއްސަ މަޝްރޫޢުތަކެއް މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކޮށްދެއްވާފައި. އެހެން ކަމުން މިދާއިރާ މިހާރު މިވަނީ ވަކި ދާއިރާއެއްގެ ގޮތުގައި ސިފަކުރެވި ޚާއްސަ ސިޔާސަތެއްގެ ދަށުން ހިންގަން ފެށިގެން ގޮސްފައި.“ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.



