ދިވެހިރާއްޖެއަށް ގަވާއިދާއި ޚިލާފަށް ބިދޭސީން އެތެރެކޮށް، އެކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ސީރިއަސް ފިޔަވަޅު އަޅުއްވާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ހޯމްލޭންޑް ސެކިއުިރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކޮށް މި ވިޔަފާރި އެކިގޮތްތަށް ކުރަމުން އަންނަކަމަށާއި، މީގެތެރޭގައި ބިދޭސީންނާއި ދިވެހިންވެސް ހިމެނޭކަމަށެވެ.
އަދި މިހާރު ތަންފީޒީ އިދާރާތައް ގުޅިގެން މިފަދަ މީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މި ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީއަކު ދެނެގަނެވިއްޖެނަމަ އެމީހަކު ވަގުތުން ޑީޕޯޓްކުރަމުން އަންނަކަމަށާއި، އެއީ ދިވެއްސެއްނަމަ، ގާނޫނީ އިމުގެތެރެއިން އެ މައްސަލައެއް ވަގުތުން ފުލުހަށް ހުށަހަޅާ ކަމަށެވެ. އަދި މިފަދަ ކަންކަން އޯގަނައިޒްޑްކޮށް ކުރާ ކުންފުނިތަކާއި ދޭތެރޭ އިންސާނީ ވަގުފާރީގެ ތެރެއިން އެމީހުން މިކަން ކުރާކަމަށް ގަބޫލުކުރެވޭ ހާލަތުގައި އެކުންފުނިތަކާއި ދޭތެރޭ ތަހުގީގުކޮށް ފިޔަވަޅު އެޅުުމަށް ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަގުުތުން ހުށަހަޅަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”މިކަންކަމަކީ، އެމީހަކަށް ވަގުތީ ފައިދާއެއް ލިބުނަސް މުޅި ގައުމަށް ބޮޑު ނުރައްކަލަށް ހުށަހެޅޭ، ބޮޑު ގެއްލުންވާ މައްސަލައެއް. އަދި އިންޑިވިޖުއަލް ވަކި ވަކި ފަރުދުން، ބޭރުގެ ވަރަށް ނިކަމެތި ފަރާތްތަކުން ރާއްޖެއަށް މަސައްކަތްކުރުމުގެ ބޮޑު އުންމިދަކާއެކު މި އަންނަނީ. އަންނައިރުގައި އެމީހުންގެ އެގޮތަށް ހާލުގަ ޖައްސާ އިންސާނަކަށްދޭވޭ ވަރަށް ބޮޑު އަނިޔާއެއް މިއީ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިމައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެއްކަން ފާހަނގަކުރައްވައި މިނިސްޓަރުވަނީ، މިފަދަ ކަންކަން ކުރާ ފަރާތްތަކުން އެކަންކަމާ ވަގުތުން ދުރަށް ދިޔުމަށް ނަސޭހަތްތެރިވެފަ އެެވެ.
”ފިޔަވަޅު އެޅުމެއް ނޫން މީގެ ހައްލަކީ. އަމިއްލައަށް މިކަންކަމުން އިސްލާހުވުން މީގެ ދާއިމީ ހައްލަކީ. އަޅުގަނޑުމެން މިފަދަ ކަންކަމާދޭތެރޭ ވަރަށް ސީރިއަސްކޮށް ފިޔަވަޅު އަޅާނަން. އެހެންކަމުން މިފަދަ ކަންކަމާދޭތެރޭ މިގޮތުން ވިސްނާ، އަޅުގަނޑު ނަސޭހަތްތެރިވަން ދިވެހި ހުރިހާ ބޭފުޅުންވެސް މިފަދަކަންކަމުން ދުރުވެގަތުމަށް.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް ގަވާއިދާއި ޚިލާފަށް ބިދޭސީން އެތެރެކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ގެނައުމަށް ފޭކް ޑޮކިއުމެންޓް ހަދައިގެން މުއައްސަސާތަކައް ހުށަހެޅުން ފަދަ ކަންކަންވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


