ރާއްޖޭގައި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އަދި ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތިމަތު ނަޖުދާ ވިދާޅުވީ، ޖަނަވަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޭރަށް ހިންގުމުގެ 5000 އަށްވުރެ ގިނަ ކޭސްރިކޯޑްކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އަރިދަފުސް ރޯގާގެ 6000 އަށްވުރެ ގިނަ ކޭސް އަދި ޑެންގީ ހުމުގެ 300 އަށްވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ނަޖުދާ ވިދާޅުވިއެވެ.
ނަޖުދާ ވިދާޅުވީ، ބަލިތައް އިތުރުވާން ދިމާވި ސަބަބުތަކަކީ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އުމްރާއަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރުމާއި، އަތޮޅުތަކުން ގިނަ ބަޔަކު މާލެއަށް ޒިޔާރަތްކުރުން ކަމަށެވެ.
މި ބަލިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަމުންދާއިރު، އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ.
އައިޖީއެމްއެޗުގެ ސީނިއަރ ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވީ، ދަތުރުފަތުރު އިތުރުވުމަކީ ގައިންގަޔަށް އަރާ މިފަދަ ބަލިތައް ފެތުރުމަށް އޮތް ބޮޑު ފުރުޞަތެއް ކަމަށެވެ. ޚާއްޞަކޮށް ބޭރަށް ހިންގުމުގެ ބަލި އެންމެ ބޮޑަށް ފެތުރެނީ ފެނާއި ކާބޯތަކެތީގެ ޒަރީޢާއިން ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި ކެއުމުގެ ކުރިން އަތް ދޮވުމަށާއި، ކާނާ ތައްޔާރުކުރުމާއި ރައްކާކުރުމުގައި ސާފުތާހިރުކަމަށް ސަމާލުވުމަށް ޑޮކްޓަރު އިލްތިމާސްކުރެއްވިއެވެ.
”ފިނި މާޙައުލުތަކުގައި ރައްކާކުރަންޖެހޭ ތަކެތި ފިނި ފިލުވާފައި އަލުން ފިނިކުރުމަކީ އެތަކެތީގައި ޖަރާސީމު އުފެދުމަށް މަގުފަހިވާ ކަމެއް،“ ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.
އެހެންކަމުން ކާތަކެތީގައި ޖަރާސީމު އަށަނުގަންނާނެހެން ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.



