ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ބާޒާރުމަތީގެ މަގު ނިންމައި، މިރޭ ފަތިހު އާންމުންނަށް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރާ މި މަޝްރޫއުގެ ދެވަނަ ސެގްމަންޓުގައި ހިމެނެނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ.
މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ތަރައްޤީކޮށްފައިވާ ސެގްމަންޓް، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ. އަދި މި ސަރަހައްދު ހުޅުވާލާނީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްޤީކޮށް މި ގެނެވުނު ބަދަލާއެކު އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މަގު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މިއަދު ވަނީ އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްއެމްއޭ ކައިރިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މުޅި މަޝްރޫއު ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމާއެކު، ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ހިތްފަސޭހަ މަގަކަށެވެ.
ޖުމްލަ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް 455 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މުޅި މަޝްރޫއުގެ ދަށުން ހެންވޭރު ޓާމިނަލާ ހަމައަށް މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.




