ށ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ކަށަވަރު ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ޖޫންމަހުގެ 8 ވަނަ ދުވަހުގައި ށ.ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަނެއް ބޭއްވުމަށް އެކޮމިޝަނުން ނިންމާ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ. އެހެންނަމަވެސް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، ށ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ.
އިލެކްޝަނުން ބުނީ ކެންޑިޑޭޓަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ސުންގަޑި ހަމަވީއިރު، ކުރިމަތިލާފައިވަނީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން، ފުނަދޫ/ މާބަގީޗާގެ އާމިނަތު ޔުމްނާ އެކަނިކަމަށެވެ. އެހެންކަމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޔުމްނާ އިންތިޚާބުވެއްޖެކަމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.


