ދިވެހި ރާއްޖެއާއި އެކު ދޭދޭ ގުޅުން ވަރުގަދަކުރައްވާނެކަމުގެ ޔަގީންކަން ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ދެއްވައިފި އެވެ.
އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ ދިވެހި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ގަތަރުން ވެދޭ ދީލަތި އެހީތެރިކަން ފާހަނގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ޣައްޒާގެ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ގޮތުން ގަތަރުން ކުރެއްވި މަސައްކަތް ފާހަަނގަ ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.އަދި މުސްތަގުބަލުގައިވެސް ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާނެކަމުގެ ޔަގީންކަން ދެ މިނިސްޓަރުންވެސް ވަނީ ދެއްވާފަ އެވެ.
މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރު އަރިހުގައި، މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް، ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ، ލަމްހާ ސަލީމް ބައިވެރިވަޑައިގެންނެވި އެވެ.



