ބައިނަލްއަޤްވާމީ މިންގަނޑަށް އެމްއެންޑީއެފުން ހިންގާ 12 ވަނަ ބޭސިކް ޑައިވިންގ ކޯހުގައި ބޭރުގެ ފަސް ގައުމެއްގެ އަސްކަރީން ބައިވެރިވެއްޖެއެވެ.
ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބައިވެރިން ހިމެނޭގޮތަށް އިނގިރޭސި މީޑިއަމަށް ހިންގާ މި ކޯހުގައި ޖުމްލަ 17 ސިފައިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، މެލޭޝިއާ، ނޭޕާލް، ސްރީލަންކާ އަދި ތުރުކިއޭގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން ހިމެނޭހެން ބޭރުގެ އަސްކަރިއްޔާތަކުގެ 9 ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް ޕްރެޒިޑެންޝަލް ގާޑްސްގެ ސިފައިން ހިމެނެއެވެ.
މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ބޭނުންކުރާނެ ޑައިވް އިކްއިޕްމަންޓްސްއާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރެއިނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ގޮތުގެ ތަމްރީނާއި ތަޖުރިބާތައް ކޯހުގެ ބައިވެރިންނަށް ލައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މިކޯސް ފެށުމުގެ ގޮތުން މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡްއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިގުރާރު ލައިދެއްވީ ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރުއެވެ. އަދި ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ކޯސް އޮފިސަރ، މޭޖަރ މުޙައްމަދު ޝަފީޢު އެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ސާޖަން ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި، ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، ކޯސްޓްގާޑުގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލްގެ އިތުރުން ކޯސްޓްގާޑުގެ ބައެއް އޮފިސަރުން ބައިވެރިވަޑައިގެންނެވި އެވެ.


