އެމެރިކާގެ މަޝްހޫރު ރެޕް ފަންނާނު ކާންޔޭ ވެސްޓް އިންޑިއާގައި ބާއްވާ ޝޯ، އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މީގެ ކުރިން މީޑިއާތަކުން މި ޝޯ އެޕްރީލް މަހު އޮންނާނެ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، މިހާރު ކަށަވަރުވެފައިވާ ގޮތުގައި މި ޝޯ އޮންނާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.
މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖަވާހަރުލާލު ނެހްރޫ ސްޓޭޑިއަމްގަ އެވެ. މި ޝޯގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާ އިރު، ޓިކެޓްތައް އެކްސްކްލޫސިވްކޮށް ވިއްކަމުން ދަނީ ޑިސްޓްރިކްޓް ބާއި ޒޮމާޓޯ މެދުވެރިކޮށެވެ.
މިއީ ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ނުފޫޒުގަދަ އެއް ފަންނާނު ކަމަށްވާ ކާންޔޭ އިންޑިއާގައި ދޭ ފުރަތަމަ ޝޯއެވެ. އޭނާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ 2009 ވަނަ އަހަރާއި 2012 ވަނަ އަހަރުއެވެ.
އުމުރުން 48 އަހަރުގެ ކާންޔޭ އަކީ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާއެވެ. އޭނާ މިހާރު ކައިވެނިކޮށްގެން އުޅެނީ އޮސްޓްރޭލިއާގެ އާޓިސްޓެއް ކަމަށްވާ ބިއަންކާ ސެންސޯރީއާއެވެ.
ކާންޔޭގެ އެންމެ ފަހުގެ އަލްބަމެއްގެ ގޮތުގައި 2022 ވަނަ އަހަރު ”ޑޮންޑާ 2″ ނެރެފައިވާއިރު، އޭނާގެ އާ އަލްބަމް ”ބުލީ” އަންނަ މަހުގެ 20 ގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.



