މިދިޔަ އަހަރުތަކާއި އަޅާބަލާއިރު ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދު ކަމަށް ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަންސް ޢަބްދުﷲ ޝިނާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ޚިލާފަށް މިހާރު ޤަވާއިދާއި އެއްގޮތަށް ކުނި ނެރުމުގައި އާންމުންގެ އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ޝިނާން ވިދާޅުވިއެވެ.
ވެމްކޯގެ މަސައްކަތްތަކާއި ރޯދަ މަހަށް ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވަމުން ޝިނާން ވިދާޅުވީ، ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ޝިނާން ވިދާޅުވީ، ވެމްކޯގެ ވެހިކަލް ފްލީޓާއި ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ރޯދަ މަހު ހުޅުމާލެއަށް ޚާއްޞަ ކޮށްގެން ވެމްކޯގެ ”ކޯލް އެންޑް ޕިކަޕް“ ގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޝިނާން ވިދާޅުވީ، ހުޅުމާލޭގެ 4000 ހައުސިން ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްްޞަކޮށްގެން ކުނި އުކާލުމުގެ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.




