އިންޑިއާގެ ސަރުކާރު މެދުވެރިކޮށް ރާއްޖެއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށް އިންޑިއާގެ ހާރިޖިއްޔާއިން މިއަދު ބުނެފިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން 200 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވަނީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު މި ލޯނުގެ އެއްވެސް މިންވަރެއް އަނބުރާ ދައްކާފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ވަނީ އެސްބީއައި އަށް ދައްކާފައެވެ.
މި ލޯނުގައި ބާކީ ހުރި 150 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް އިންޑީއާ ސަރުކާރުގައި އެދިފައިވަނީ، މި މޭ މަހުގެ 8 ވަނަ ދުވަހު ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ލޯނު ދެއްކުން ފަސްކޮށްދީފައިވާތީ މިއަދު ވަޒީރު ޒަމީރު ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު އަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރްވަމުން ފާހަގަ ކުރެއްވީ، އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރުވެސް އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއު ތަކެއް ހިންގަމުން ދާކަމެވެ. ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ މިކަމުން ރަމްޒު ކޮށްދެނީ އިންޑިއާއާއި ދިވެހިރާއްޖޭއާއި ދޭތެރޭ ޒަމާނުއްސުރެއް އޮތް ގާތް ގުޅުމާއި ރަހުމަތްތެރިކަން ކަމަށެވެ.




