ހަތަރު ރަށަކަށް ފެނަކައިން މުޅިން އާ 4 ޖެނެރޭޓަރު ފެނަކައިން ގެނެސްފިއެވެ.
ފެނަކައިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، މުޅިން އާ 4 ޖެނެރޭޓަރެއް ގެނެސްފައިވާ ކަމަށެވެ.
އެއީ 600 ކިލޯވޯޓުގެ ތިން ޖެންސެޓާއި 400 ކިލޯވޯޓުގެ އެއް ޖެންސެޓެވެ.
މީގެތެރެއިން ދެ ޖެންސެޓު ރަށްރަށަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ދެން އިން ދެ ޖެންސެޓު މާލެ ގެނެސް މިހާރު ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މި ޖެންސެޓުތައް ފޮނުވަން ހަމަޖެހިފައިވާ ރަށްތަކަކީ:
° ލ. އިސްދޫ – 600 ކިލޯވޯޓް
° ބ. ކެންދޫ – 600 ކިލޯވޯޓް
° ހއ. ކެލާ – 600 ކިލޯވޯޓް
° ލ. ދަނބިދޫ – 400 ކިލޯވޯޓް
ފެނަކައިން ބުނީ މި ޖެންސެޓުތަކުގެ ތެރެއިން އިސްދޫ އާއި ދަނބިދޫއަށް ފޮނުވާ ޖެންސެޓުތައް އެ ރަށްރަށަށް ފޮނުވުމަށް މިހާރު ވަނީ ލޯޑު ކޮށްފައި ކަމަށެވެ. މާދަމާގެ ވަގުތެއްގައި އެ ރަށްރަށަށް ޖެންސެޓުތައް ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ކެލާއާއި ކެންދޫއަށް ފޮނުވާ ޖެންސެޓުތައް މިއަދުގެ ވަގުތެއްގައި ކްލިއަރކޮށް، ދެ ދުވަސް ތެރޭގައި އެ ރަށްރަށަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން އިތުރަށް ބުނީ، މި ރަށްރަށުގައި ޑިމާންޑަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ދަނީ ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ބޭނުން ކުރަމުން ކަމަށެވެ.




