އެމްޕީއެލްގެ ދެ އުޅަނދަކުން ރޭގައި ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
”އެކްސް“ ގައި ކުރި ޕޯސްޓެއްގައި އެމްޕީއެލް އިން ބުނީ، ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ކްލިއަރކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން، ރެޔާއި ދުވާލުގެ ވަގުތުތަކުގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، ”ނިއުމަތު 3“ އުޅަނދުންނާއި ”ބްލޫހާ“ އުޅަނދުން ގިނަ އަދަދެއްގެ ކާބޯތަކެތި ރޭގައި ބާލާފައިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި އިތުރު އުޅަނދުފަހަރުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބޭލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކާބޯތަކެތި ހިފައިގެން އައި ”ނިއުމަތު 2“ ރޭގެ ވަގުތެއްގައި ބަނދަރަށް ކައިރިކޮށްފައިވާއިރު، ”ވައިޑޫރިއަމް“ އަދި ”އަކިލްޝާން“ މިވަގުތު އޮތީ އެންކަރޭޖްގައެވެ. އަދި ކާބޯތަކެތީގެ ބާވަތްތަކާއެކު ދަތުރުކުރާ ”ވީބީ ޕްރޮގްރެސް“ ވެސް މިއަދުގެ ވަގުތެއްގައި މާލޭ ވިޔަފާރި ބަނދަރަށް ބަނދަރުކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްޕީއެލްއިން ބުންޏެވެ.



