އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމާ ގުޅިގެން ފަލަސްތީން ސަރުކާރުން ޝުކުރުއަދާކޮށްފި އެވެ.
އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލެއްވީ އިއްޔެ އެކްސްގައި އިނގިރޭސި ބަހުން ހިއްސާ ކުރެއްވި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ފަލަޞްޠީނުގެ ޣައްޒާގެ ރަފަހްއިން މިހާރު ފެންނަމުންދާ ހިތްދަތި މަންޒަރުތައް ބަލަން، ބައިނަލްއަގުވާމީ މުޖުތަމައު ހިމޭނުން އޮވެގެން ނުވާނެ ކަމަށެވެ. އަދި،މިއީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް ފިޔަވަޅު އަޅަންވީ ވަގުތުކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. ރައީސްގެ މެސެޖުގައި ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ.
ފަލަސްތީން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ރައީސް މުއިއްޒުގެ ޕޯސްޓް ރީޕޯސްޓްކޮށް ބުނެފައިވަނީ ރާއްޖެއަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށެވެ.
ފަލަސްތީން ސަރުކާރުގެ މި ޕޯސްޓަށް ވަރަށް ގިނަ ދިވެހިން ދަނީ ކޮމެންޓްކުރަމުންނެވެ. އަދި ކޮމެންޓްތައް ކުރި ދިވެހިން ބުނެފައިވަނީ ފަލަޞްޠީނާއެކު ދެމިތިބޭނެކަމަށެވެ.



