މާލޭގައި މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި އިމާރާތްތަކެއް މާރާމާތުކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލެ ސިޓީ މަގުމައްޗަށް ފެން ފައިބާގޮތަށް ހުރި އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް އެކްސްގައި ހިއްސާކުރައްވައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއް ކަމަށެވެ. އަދި، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކައުންސިލުން ފަށާފައިވާކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަނގަ ކުރެވިފައިވާކަމަށެވެ. އަދި އެ ފާހަނގަކުރެވުނު ތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އެ އިމާރާތްތަކުގެ ވެރިންނަށް އަންގާފައިވާކަމަށް ވިދާޅުވެފައި ވެއެވެ.
މޭޔަރު ވަނީ، މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިފަ އެވެ.
މާލެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އާޒިމް ގެންދަވަނީ މާލެ ސިޓީއަކީ، މާލޭގެ ރައްޔިތުންނަށާއި، އަދި މާލޭގެ ރަށްވެހިންނަށް ލުއި ފަސޭހަމާއެކު ދިރިއުޅެވޭނެ ވެއްޓަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮުތުން އެންމެ ފާހަނގަ މާލެ ސިޓީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް އިސްކަމެއް ދެއްވަ އެވެ.
މާލެ ސިޓީ ކައުންސިލުން ގެންދަނީ މެދު ނުކެނޑި މާލެ ސިޓީގެ މަގުތަކާއި، އާންމު ސަރަހައްދުތަކަށް އުކާލާފައި ހުންނަ ކުނި ނަގައި، އަދި ގަވާއިދާ ޚިލާފަށް ކުނި އަޅާ މީހުން ދެނެގަނެ އެމީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.



