ރާއްޖޭގެ މާލީ ބާޒާރަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ބެހޭ މަޝްވަރާތަކެއް ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތައް ފުރާ ވަޑައިގެންވި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިނިސްޓަރުގެ ދަތުރުފުޅާ ގުޅޭގޮތުން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ކުރިއެރުވުމަށް، އިނގިރޭސި ވިލާތުގެ މާލީ ބާޒާރުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންަނަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށްޓަކައި މަޝްވަރާކުރެއްވުމަށް މިނިސްޓަރު ސައީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފައިވާކަމަށެވެ. މާލީ ބާޒާރު ހަރުދަނާކުރުމަކީ، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިޞާދީ ތަރައްގީއަށް ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ބަޔާންކޮށްފައި ވެއެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ ރާއްޖޭގައި އަލަށް ގާއިމުކުރާ ޑެވެލޮޕްމެންޓް ބޭންކާއި، އިންޓަނޭޝަނަލް ފައިނޭންޝަލް ސަރިވިސަސް އޮތޯރިޓީ ތަރައްގީކޮށް ހިންގުމާއި ބެހޭގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން، މާލީ އިދާރާތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ޒަމާނާއި އެއްގޮތަށް ފެތޭގޮތަށް ފަރުމާކުރުމާއި، މާލީ އިދާރާތަކުގެ އިންފްރާ ސްޓްރަކްޗަރ ރޭވުމާއި،ކަމާއި ގުޅުންހުރި ސްޓެރެޓެޖީތައް އެކުލަވާލުމާއި،އިދާރާތައް ހިންގުމުގެ އޮނިގަނޑު އެކުލަވާލުމަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް މަޝްވަރާ ކުރެވޭނެކަމަށް ބުނެފައި ވެއެވެ.
އިގްތިސާދާ ބެހޭ ވުޒާރާއިން ބުނީ ”ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލް“ގައި ބައިވެރިވެވަޑައިގަތުމަށްމިނިސްޓަރު އިނގިރޭސި ވިލާތައް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ހައުސް އޮފް ލޯޑްސްގެ މެންބަރުންނާއި، އެގައުމުގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި، ޚިދުމަތް ދިނުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



