އިންޑިއާގެ މަޝްހޫރު ދެ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވަރަކޮންޑާ ކައިވެނިކޮށްފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މި ދެ ތަރިން ކައިވެނިކުރީ އިއްޔެ ހެނދުނު އުދައިޕޫރުގެ އައިޓީސީ މެމެންޓޯސްގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
ކައިވެނީގެ އުފާވެރި ޚަބަރާއެކު، ދެ ތަރިން ވެސް ވަނީ އެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް ކައިވެނީގެ ފޮޓޯތައް އާންމުކޮށްފައެވެ. ރަޝްމިކާ ކުރި ޕޯސްޓެއްގައި އޭނާގެ ފިރިމީހާ ތައާރަފުކޮށްދެމުން ބުނެފައިވަނީ ވިޖޭއަކީ އޭނާއަށް ހަގީގީ ލޯތްބާއި ހިތްހަމަޖެހުން ދަސްކޮށްދިން މީހާ ކަމަށެވެ.
”އަހަރެން އަބަދުވެސް ވާން ބޭނުންވި ކަހަލަ އަންހެނަކަށް މިއަދު މިވީ، އޭނާގެ ސަބަބުން! އަހަންނަށް ހަމަ ހަގީގަތުގައި ވެސް ލިބުނު ނިއުމަތެއް މިއީ،“ ރަޝްމިކާގެ މެސެޖުގައި ލިޔެފައިވެއެވެ.
ވިޖޭ ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި ފޮޓޯތައް ހިއްސާކޮށް، ރަޝްމިކާ އާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ އުފާވެރި ވަގުތެއްގެ ގޮތުގައި ސިފަކޮށްފައެވެ. ވިޖޭ ބުނި ގޮތުގައި ކޮންމެ ތަނެއްގައި ހުއްޓަސް ހިތަށް ހަމަޖެހުން ލިބެނީ ރަޝްމިކާ ގާތުގައި ހުރުމުންނެވެ.
މި ކައިވެނީގެ ހަފުލާގައި ވިޖޭގެ ތެލެގޫ ސަގާފަތާއި ރަޝްމިކާގެ ކޮޑަވާ ސަގާފަތުގެ އާދަކާދަތައް ހިމަނާފައިވެއެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފުރަތަމަ ފެތުރެން ފެށީ 2018 ވަނަ އަހަރު ރިލީޒްކުރި ”ގީތާ ގޯވިންދަމް“ އާއި 2019 ވަނަ އަހަރުގެ ”ޑިއާ ކޮމްރޭޑް“ އިން އެކުގައި ފެނުނު ހިސާބުންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާއިލާގެ މެދުގައި ބޭއްވި ކުޑަ ހަފުލާއެއްގައި ދެ ތަރިން ވަނީ އެންގޭޖުވެފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ކައިވެންޏަށްފަހު ފިލްމީ ދާއިރާގެ ގާތް އެކުވެރިންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ޕާޓީއެއް ހައިދަރުއާބާދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



