މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، އެ ސަރަހައްދަށް ފުރަން ދިއުމުގެ ކުރިން ފްލައިޓްގެ މައުލޫމާތު ސާފު ކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުރިހާ ޕަސިންޖަރުންނަށް އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިވަގުތު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެމްއޭސީއެލްއިން ވަނީ ދަތުރުވެރިން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ.
އެ ކަންތައްތަކަކީ:
° އެއާލައިންތަކުގެ ރަސްމީ ވެބްސައިޓްތަކާއި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ފްލައިޓްގެ ވަގުތުތައް ޗެކްކުރުން
° ޓުއާ އޮޕަރޭޓަރުން ނުވަތަ ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ނަގާފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުން
° ދުރާލާ ދަތުރުގެ ކަންކަން ރޭވުން
މެދުއިރުމަތީގެ ބައެއް އެއާސްޕޭސްތައް ބަންދު ކުރުމާ ގުޅިގެން ނުފުރި އެތައް ޓޫރިސްޓުންނެއް މިހާރު ވީއައިއޭގައި އެބަތިއްބެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ފްލައިޓުތައް އަންނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ.
މިއަދު ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވަނީ އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ސަބަބުންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާނާއި، އިސްރާއީލު އަދި އެ ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް ކެންސަލްކޮށް ނުވަތަ ވައިގެ މަގުތައް ބަދަލުކޮށްފައެވެ. ޚާއްސަކޮށް މެދުއިރުމަތި ހުރަސްކޮށް ދަތުރުކުރާ ފްލައިޓްތަކަށް މީގެ އަސަރުކޮށްފައިވާއިރު، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ބައެއް ފްލައިޓްތަކަށްވެސް މީގެ ސަބަބުން ލަސްވުން ނުވަތަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.




