ޒަކާތު ފަންޑުގެ އެހީގައި މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސްކޮލާޝިޕް ފުރުސަތުތަކަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ފަންޑުން ސްކޮލާޝިޕް ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް، އަމަލީގޮތުން މި ސްކޮލާޝިޕްތައް ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މިދިޔަ އަހަރު އެކަނިވެސް ޒަކާތު ހައުސްއިން ވަނީ ޖުމްލަ 50 ސްކޮލާޝިޕްގެ ފުރުސަތު ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.
މިދިޔަ އަހަރު ދޫކުރި 50 ސްކޮލާޝިޕްގެ ތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ތިބެގެން ކިޔެވުމަށް ދިން ފުރުސަތުތަކެވެ. އަދި ބާކީ 30 ފުރުސަތު ދީފައިވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރުމަށެވެ. މީގެ ތެރޭގައި އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް 17 ދަރިވަރަކަށް ފުލް ސްކޮލާޝިޕް ދީފައިވާއިރު، 7 ދަރިވަރަކަށް ހާއްސަ ސްކޮލާޝިޕްތަކެއް ދީފައިވެއެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، ޒަކާތު ފަންޑުން ސްކޮލަރޝިޕް ދެނީ އިސްލާމީ ޢިލްމު ފުޅާކުރުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިޔަވައިގެން ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށެވެ.




