މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އުމްރާވެރިންގެ ރައްކާތެރިކަމަށްޓަކައި ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި އުމްރާ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ސައުދީ އަރަބިއްޔާގެ ސަރުކާރުންނާއި ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި ސަމާލުކަން ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ހާލަތު އެ މިނިސްޓްރީގެ ފަރާތުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން، އުމްރާވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ ނަންބަރު ގާއިމުކުރެވުނުހާ އަވަހަކަށް އާންމުކުރާނެ ކަމަށްމިނިސްޓްރީން ބުނެފައިވެއެވެ.
އުމްރާގެ އަޅުކަމުގައި އުޅޭ ފަރާތްތަކަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގުޅޭނެ އިންތިޒާމުތައް ވެސް މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ދީފައިވާ ނަންބަރުތަކަށް ގުޅުމަށް ވަނީ އެދިފައެވެ:
ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން: +966506894477
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ހޮޓްލައިން: +966530838329



