ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާގެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ރަންޖިނީ ޖީވަނަންތަން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖު ބަލާފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީއެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި މިހާތަނަށް ވަނީ ލިބިފައެވެ.
ކޯޓުގައި ކުރިއަށްދިޔަ ބަންދުގެ މަޖިލީހުގައި، ރަންޖިނީ ވަނީ ގާނޫނީ ވަކީލަކު ހޯދުމުގެ ފުރުސަތަކަށް އެދިފައެވެ. ކޯޓުން ވަނީ އޭނާއަށް އެ ފުރުސަތު ދީފައެވެ.




