މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދަތުރުތަކަށް ބުރޫއަރާފައިވާ ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރޭ ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ގާއިމްކޮށް، ހިދުމަތް ދޭން ވަނީ ފަށާފައެވެ.
އަދި ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި މިހާރު ޑޮމެސްޓިކް ޓާމިނަލް ވެސް ބޭނުންކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ވައިގެ ސަރަހައްދުތައް ބަންދުވުމުގެ ސަބަބުން ފްލައިޓުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 9 ފްލައިޓެއް ކެންސަލްވެ، 1,716 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވިއެވެ. އަދި މިއަދު 19 ފްލައިޓެއް ކެންސަލްވެ، ޖުމްލަ 3,530 ފަސިންޖަރުންނަށް މިކަމުގެ އަސަރުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އެމްއޭސީއެލްއިން އަންނަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، ވިޒިޓް މޯލްޑިވްސް، އެއާލައިންތައް އަދި ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ހާއްސަ ސާވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ވަނީ ގާއިމްކޮށްފައެވެ. އެމްއޭސީއެލްއިން އިތުރަށް ބުނީ، ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެއާލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މި ހާލަތާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.



