ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް ހިންގުމަށް އިމާރާތެއް ނުވަތަ އިމާރާތްތަކެއް ކުއްޔަށް ހިފުމަށް، އެކުންފުނިން އިއުލާނުކޮށްފި އެވެ.
މިކަމާއިގުޅޭގޮތުން ފެނަކައިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފަސް އަހަރުގެ މުއްދަތަކަށް، އެކުންފުނީގެ ހެޑް އޮފީސް ހިންގޭނެވަރުގެ އިމާރާތެއް ނުވަތަ އިމާރާތްތަކެއް ކުއްޔަށް ހިފަން އެކުންފުނިން ނިންމާފައިވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށާއި، މިމަހުގެ 21 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފެނަކައިން އެދިފައި ވެއެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށާއި، މައުލޫމާތު ސާފުކުރުމަށް tender.registration@fenaka.mv އަށް މެއިލްކުރެވޭނެކަމަށް ފެނަކައިން ބުންޏެވެ. މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބެނޭ މެއި މަހުގެ19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބިޑަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބިޑަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ.
މީގެ ކުރިންވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް ހިންގުމަށް އިމާރާތެއް ނުވަތަ އިމާރާތްތަކެއް ކުއްޔަށް ހިފުމަށް، އެކުންފުނިން އިއުލާނުކުރި އެވެ. ފެނަކައިން އަލުން މި ފުރުސަތު ހުޅުވާލީ، އެއިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ އެވެ.



