މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ”އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ“ މި އަހަރުވެސް ރަމަޟާން މަހުގެ އެއްވަނަ ދުވަހު ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ، ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާއި އެއްބާރުލުމާ ގުޅިގެން، މިއަހަރުގެ ރަމަޟާން މަހުވެސް މި މާތް މަޤްޞަދުގައި މި ޙަރަކާތް މުޅި މަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑަބްލިޔުއެސްސީއިން ބުނިގޮތުގައި ”ރޯދަ ސުފުރާ 1447″ ގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ބޭނުންވާ ”އިފްތާރ މީލް ޕެކް“ ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މިއީ ރަމަޟާން މަހުގެ މަތިވެރި ރޫޙާ އެއްގޮތަށް، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މީގެ އިތުރުން، މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކާމާއި، ބަދަހި ގުޅުން ދެމެހެއްޓުމަށާއި، އިޖުތިމާޢީ ރޫޙު ވަރުގަދަކުރުމަށް އެމްޑަބްލިޔުއެސްސީ ކުރާ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީއިން ބުނިގޮތުގައި، ”އިފްތާރ މީލް ޕެކް“ ބެހުމުގެ ޙަރަކާތް ކުރިއަށްދާނީ ފެން ބިލްޑިންގގެ މައި ދޮރުމަތީގައި މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު އެ ކުންފުނީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.
ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު ޓެންޓަށް ގެންދެވޭނެ ކަމަށާއި ސިއްޙީ ރައްކާތެރިކަމަށް ބަލައި، ހަދިޔާކުރާ ތަކެތި ހުންނަންވާނީ ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޑަބްލިޔުއެސްސީއިން އިތުރަށް ބުނިގޮތުގައި، މި ޙަރަކާތަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމުގައި އެމްޑަބްލިޔުއެސްސީއިން ދޭ ސަމާލުކަމާއި، އިޖުތިމާޢީ ކަންކަމުގައި އެ ކުންފުނިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.



