މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 1,374,481 ރުފިޔާ ވަނީ ލިބިފައެވެ.
ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ފަސޭހަކުރުމުގެ ގޮތުން އޮންލައިން 7 ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަންނަމުންދާއިރު، އިސްލާމީ މަރުކަޒަށާއި ރަށްރަށުގެ ކައުންސިލްތަކަށް ގޮސްގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރަމުންދަނީ އެކަމަށްޓަކައި ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ”ފިޠުރު ޕޯޓަލް“ އެވެ. މި ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ.
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތަކަކީ:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
ރަތް ހަނޑޫ: 96 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މި ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.



