އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله އަލީ ހާމަނާއީ އަވަހާރަކޮށްލި ހާދިސާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ، މުސްލިމެއްގެ ހައިސިއްޔަތުން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ހިންގި ރަޙުމްކުޑަ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، އާޔަތުﷲގެ ޢާއިލާއަށާއި އީރާނުގެ ރައްޔިތުންނަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އުމުރުފުޅުން 86 އަހަރުގައި އާޔަތުﷲ އަވަހާރަވުމާ ގުޅިގެން އީރާނުގައި މިހާރު ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ނިންމާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ހަތް ދުވަހުގެ މުއްދަތަށް އެ ގައުމުގެ ސަރުކާރުގެ އިދާރާތައް ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ނުރައްކާތެރި ހަމަލާތަކުގައި އާޔަތުﷲގެ އިތުރުން، އާޔަތުﷲގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ އަވަހާރަވެފައެވެ. ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އާޔަތުﷲގެ އަނބިކަނބަލުން މިއަދު އަވަހާރަވެފައިވާ އިރު، ދަރިކަނބަލުންނާއި، ދަރިކަނބަލުންގެ ފިރިކަލުންގެ އިތުރުން ކާފަ ދަރިކަލެއްވެސް ވަނީ އަވަހާރަވެފައެވެ.
އަދި އީރާނު ސަރުކާރުގެ ބައެއް އިސްވެރިން ވެސް މި ހަމަލާތަކުގައި އަވަހާރަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އިތުރުން، ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ އެންމެ މަތީ ފަރާތެވެ.
އެމެރިކާ އާއި އިސްރާއީލުން ދިން މި ހަމަލާތަކުގެ ރައްދުގައި، އީރާނުން މިހާރު އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.




