ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ފެނަކައިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. ކެލާއަށް ގެންދިޔަ އާ ޖެންސެޓު ބަހައްޓައި، ހިދުމަތްދޭން ފަށައިފިއެވެ.
މި ޖެންސެޓު ކެލާއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގައެވެ.
ކެލާއަށް އެ ޖެންސެޓު ގެންގޮސް، ޓެސްޓު ކުރުމުގެ މަރުހަލާ ނިންމައި، އިއްޔެ ބޭނުން ކުރަން ފެށި މި އާ އިންޖީނަކީ 600 ކިލޯވޯޓުގެ އިންޖީނެކެވެ. މީގެކުރިން އެ ރަށުގައި ކަރަންޓު ދެމުން އައި ކެޕޭސިޓީއަކީ 400 ކ.ވ ކަމަށްވުމާއެކު އަލަށް މި ބެހެއްޓި އިންޖީނާއެކު 1000 ކިލޯވޯޓަށް ކެޕޭސިޓީ އިތުރުކުރެވި، މެދުނުކެނޑި އެރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ މުޅިން އާ 4 އިންޖީނު އެކި ރަށްރަށަށް ފޮނުވާފައެވެ. އަދި އެ އިންޖީނުތައް ބަހައްޓައި، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.



