މާބަނޑު މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިމައްސަލަ ބަލަން ފަށާފައި މި ވަނީ، އަނިޔާ ލިބެމުންދާ މީމީހާ އެހީއަށް އެދި ސޯޝަލް މީޑިއާގައި ގޮވާލާފައިވަނިކޮށްނެވެ. އެ އަންހެންމީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި އާއިލާގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބެމުންދާކަމަށް ބުނެފައި ވެއެވެ. އެގޮތުން އޭނާގެ ބައްޕައާއި، 18 އަހަރު ނުފުރޭ ކޮއްކޮއެއްގެ ފަރާތުން އަނިޔާ ލިބެމުން އަންނަކަމަށެވެ. އަދި، އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ އަނިޔާތަކައް ކެތްނުވެގެންކަމަށް ބުނެފައި ވެއެވެ.
އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެމީހާ އެދިފައިވަނީ އާއިލާގެ ފަރާތުން އޭނާއަށް ލިބެމުންދާ މި އަނިޔާއަށް އިންސާފު ހޯދައިދިނުމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަހްމަދު ޝިފާން ވިދާޅުވީ މިހާރު ގުޅުހުން ހުރި އިދާރާތަކާއި ގުޅިގެން މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިކޭސްގެ އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.
ގެވެށި އަނިޔާއަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއްކެވެ. ގިނަ ފަހަރަށް މިފަދަ ގެވެށި އަނިޔާތައް ލިބެނީ، ފިރިމީހާ ނުވަތަ އާއިލާގެ މެންބަރެއް ނުވަތަ އެއްމާހައުލެއްގައި އުޅެމުންދާ މީހުންގެ ފަރާތުންނެވެ.
ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނެއް އޮވެއެވެ. އޭގެ ދަށުން ޖެންޑަރ މިނސިްޓްރީއަށާއި ކަމާއި ގުޅުން ހުރި ތަންފީޒީ އިދާރާތަކައް ގިނަ ކަންތައްތަކެއް ލާޒިމް ކުރެއެވެ.



