ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމިޝަނުން ބުނި ގޮތުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ މާޗުމަހުގެ ހަތަރެއް ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެއެވެ.
ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިންކޮށް، ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
އަމިއްލައަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ޗެކްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް އެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން VR (Space) NID ޖެއްސެވުމަށް ފަހު 1414 އަށް އެސް.އެމް.އެސް ފޮނުވުމުން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ސާފުވާނެއެވެ.
މި އިންތިޚާބުގައި ޖުމުލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު، ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބުލިއުޑީސީ) ތަކަށް ވެސް އެ އަދަދަށް މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.




