ހުޅުމާލޭގައި ގާއިމްކޮށްފައިވާ ބުޅާ ފެސިލިޓީ، ”އޮޅުހިޔާ“ އަށް މިހާތަނަށް 350 ބުޅާ ގެންދެވިފައިވާ ކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެ ފެސިލިޓީގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އޮޅުހިޔާގައި ވެޓް ކްލިނިކްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެތަނަށް ގެންދެވޭ ބުޅާތައް ނިއުޓާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 60 ބުޅަލެއް ނިއުޓާ ކުރެވިފައިވާއިރު، ފަސް އަންހެން ބުޅަލެއް ސްޕޭ ކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި އަންނަ ހަފްތާގައި އިތުރު ބުޅާތައް އެ ފެސިލިޓީއަށް ގެންދިޔުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޮޅުހިޔާ ފެސިލިޓީއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ތަރައްގީކުރި ތަނެކެވެ. 2024 ވަނަ އަހަރު ހުޅުވި މި ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި، ކްލިނިކަކާއި، ލެބޯޓްރީއެއްގެ އިތުރުން ފާމަސީއެއް ވެސް ގާއިމްކޮށްފައިވެއެވެ.
މި މަޝްރޫއުގެ ހަރަދުތަކާ ގުޅޭގޮތުން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ފެސިލިޓީގައި ބުޅަލަކަށް މަހަކު ގާތްގަނޑަކަށް 368 ރުފިޔާ ހަރަދުވާނެއެވެ. މިއީ އަހަރަކަށް ބަލާނަމަ ބުޅަލަކަށް 5,416 ރުފިޔާއެވެ.
މުޅި ފެސިލިޓީ ހިންގުމަށް އަހަރަކު ގާތްގަނޑަކަށް 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ކުރިން ލަފާކުރައްވާފައިވެއެވެ.




