މީހުން އަތުން މަކަރާއި ހީލަތުން ފައިސާ އަތުލި ތިން މީހަކު ތަހުގީގަށް ހާޒިރު ކުރަން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ، އެ ތިން މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އެމީހުންނަށް ޗިޓު ރައްދުކުރެވިފައި ނުވާކަަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެމީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހާޒިރުވުމަށް ހޯދާ ފަރާތްތައް:
- ޢަލީ ޝަރީފް / ހއ. ތުރާކުނު، އަސުރުމާގެ (25އ)
- ޢަލީ ޝަމީމް / ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު (37އ)
- ޢާއިޝަތު ނުހާ / އދ. ކުނބުރުދޫ، މާބަގީޗާގެ (24އ)
މި ތިން މީހުންވެސް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް ފުލުހުންވަނީ އިއުލާނުކޮށްފަ އެވެ. މިމީހުން ހާޒިރުވާން އަންގާފައިވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.


