ގެވެށި އަނިޔާއިން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފ. އަތޮޅު ރަށްރަށުގައި ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމުގައި، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ގެވެށިއަނިޔާގެ ކުށެއް ހިނގާނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ކުށްތަކަށް އަރައިގަންނަ ކުޑަކުދިން އެކަމުން ސަލާމަތްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ބައިވެރިންނަށް ދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފ. އަތޮޅު ކައުންސިލާއި ފުލުހުން ގުޅިގެން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ވަކިވަކީން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރަށްރަށުގެ ކައުންސިލުތަކާއި މުއައްސަސާތަކުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމާތުދެއްވީ ފުލުހުންގެ ފެމެލީ އެންޑް ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓާއި، ކްރައިމް އެގެއިންސްޑް ޗިލްޑްރަން ޑިޕާޓްމަންޓުގެ ފަރާތުންނެވެ.




