ދަރިމައިވުމުގައި ދިމާވާ ދަތިތަކަށް ހޯދާ ފަރުވާ، އައިވީއެފް ހެދުމަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން ދައުލަތުގެ އެހީ ހޯދުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
އައިވީއެފް ހެދުމަށް އެދޭ ފަރާތްތަކަށް އެންސްޕާއިން އެންމެ ފުރަތަމަ ފުރުސަތު ހުޅުމާލީ މިއަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެންސްޕާއިން އޭރު ހުޅުވާލި މުއްދަތުގެ ސުންގަޑި މިއަދަށް ހަމަވުމުން، އެންސްޕާއިން މި ވަނީ އެހީއަށް އެދުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ”އައިވީއެފް“ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އައިވީއެފް ފަރުވާއަށް އެހީއަށް އެދޭ ފޯމު އެންސްޕާ އާއި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، އެ ދެކުންފުނީގެ ވެބްސައިޓް އިން ލިބެން ހުންނާނެކަމަށާއި، ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ އެންސްޕާގެ ކައުންޓަރުތަކަކަށްކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، info@nspa.gov.mv އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށް ފޮނުވުމަށް އެންސްޕާއިން އެދިފައި ވެއެވެ. އަދި، އާސަންދަ ޑިޖިޓަލް ޕޯޓަލް my.aasandha.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.
މިއަހަރު އެންސްޕާއިން އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައިވަނީ 100 ފަރާތަކަށެވެ. މިއަހަރުގެ ޕްރޮގްރާމުން ޖާގަ ނުލިބޭ ފަރާތްތަކަށް އަންނަ އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެންސްޕާއިން ބުނެފައި ވެއެވެ.
ދަރިމައިވުމާ ގުޅޭ ދެ ހިދުމަތްކަމަށްވާ އައިވީއެފްއާއި އައިއޫއައި ގެ ފަރުވާލިބޭނެ އިންތިޒާމު ދައުލަތުގެ އެހީގައި ހަމަޖައްސައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ ޑިސެމްބަރު 5 ގަ އެވެ.




