ޒަމާނީ ފަސޭހަތަކާއެކު، ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް ”ވަށަނި“ މިއަދު އިފްތިތާހްކޮށްފިއެވެ.
ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ.
ޚިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބެންހުންނަ މި ޕޯޓަލްގައި އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެ ކަމަށާއި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގ ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ޚިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، ޕޯޓަލް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އަދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބެމުންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ވަށަނި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އާންމު ރައްޔިތުންނާއި ގުޅުންހުރި ވަރަށް މުހިއްމު މަސައްކަތެއް ނިމި އިފްތިތާހު ކުރެވޭ ދުވަސް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާ މޯލްޑިވްސް 2.0 އަދި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި، ކުންފުނީގެ ހިދުމަތްތަކާއި ގުޅޭގޮތުން ގެނެވޭ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް ވެސް އަޒުވަރު ވިދާޅުވިއެވެ.

”ވަށާ ޖެހޭ ހިދުމަތެއް. އަޅުގަނޑުމެންގެ ހިދުމަތް އޮންލައިން ކުރެވި ޕޭޕަރލެސް ސިސްޓަމަކަށް މިވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ދުވަސްތަކެއް ވަންދެން ކުރަމުން އައި އުއްމީދެއްގެ ނިމުން. އެހެން ވީމަ މިއަދަކީ ވަރަށް ފާހަގަކޮށްލެވޭ ކުންފުނީގެ ހަޔާތުގައި މުހިއްމު ދުވަހެއް ކަމަށް އަޅުގަނޑު ދެކެނީ“ އަޒުވަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަޒުވަރު ވިދާޅުވީ، މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ އަދި ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ މި ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއެކު، ލިބިގެންދާނެ ކަމަށެވެ. އަދި މި އިންޑަސްޓްރީގައި އޮންލައިންކޮށް މި ހިދުމަތް ދިނުމުގައި އެހެން ހަރުފަތަކަށް ގެންގޮސްދޭ މަސައްކަތަކަށް މިކަން ވާނެ ކަމަށާއި އަދި ސްޓެލްކޯގެ ހިދުމަތްތަކަކީ 24 ގަޑި އިރު ދޭ ހިދުމަތަކަށް ވުމުން އެ ފަސޭހަ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.



