މި އަހަރުވެސް ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާގޮތަށް ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ ”ޢީދުހަވީރު 1447″ ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 9 ކުންފުންޏަކުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ބާއްވާ މި ހަރަކާތްތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދާނެއެވެ. މާލޭގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ސަރަޙައްދުގައެވެ. މީގެ އިތުރުން ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2 ގެ ހިޔާ ޕާކް ސަރަޙައްދުގެ އިތުރުން ވިލިމާލެ ފުޓްބޯޅަ ދަނޑުގައިވެސް ތަފާތު ހަރަކާތްތައް އޮންނާނެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ އަދި އެމްޓީސީCC ހިމެނެއެވެ. މި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މި ސްޓޯލްތައް ފަރުމާކޮށްފައިވަނީ ކުޑަކުދިންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ފަދަ ތީމްތަކަކަށެވެ.
ޚާއްޞަ ހަރަކާތެއްގެ ގޮތުން އެމްއެންޑީއެފްގެ ފަރާތުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ދައްކާލުން އޮންނާނެއެވެ. އާންމުންނަށް މި ތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޢީދު ހަދިޔާ ދިނުންވެސް މި ހަވީރުގެ ތެރޭގައި ކުރިއަށްދާނެއެވެ.


