ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމަށްޓަކާ، ބައެއް މާކެޓްތަކަށް އަމާޒުކޮށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބުނެފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާތީ، ވީއެމްސީން ދަނީ ކަމާގުޅޭ ވުޒާރާތަކާއި ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ދަތުރުތައް މެދުކެނޑުމުގެ ސަބަބުން ފަތުރުވެރިންނަށާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ވިޒިޓް މޯލްޑިވްސްއިން އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށެވެ. މިގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނޭހެން ޖުމްލަ 8 ރިޕެޓްރިއޭޝަން ފްލައިޓެއް ބާއްވައި، ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމް.އޭ.ސީ.އެލްއާއި ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ޚާއްޞަ ’ހެލްޕް ޑެސްކް‘ އެއް ވަނީ ޤާއިމުކުރެވިފައެވެ. މި ޑެސްކު މެދުވެރިކޮށް ދަތުރުވެރިންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ވިޒިޓް މޯލްޑިވްސްއިން ދަނީ އެކި އެއަރލައިންތަކާއެކު މަޝްވަރާކޮށް އިތުރު ފްލައިޓްތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމަށްޓަކައި، ދަތުރުފަތުރަށް މާބޮޑު ބުރޫއެއް އަރާފައިނުވާ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕޭންތަކެއް ހިންގުމަށް ސިނާޢަތުގެ ބައިވެރިންނާއެކު ވަނީ މަސައްކަތް ފަށާފައެވެ.
ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުންނާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ވިޒިޓް މޯލްޑިވްސްއިން އިތުރަށް ހާމަކުރި ގޮތުގައި، މުސްތަޤުބަލަށް ރޭވުމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްޞަ ”ކްރައިސިސް ރެސްޕޮންސް ސްޓްރެޓެޖީ“ އެއް އެކުލަވާލަމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ސިނާޢަތުގެ ބައިވެރިންނާ ބައްދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ، ހުރިހާ ބައިވެރިންގެ އެއްބާރުލުމާއެކު މި ދަތި ވަގުތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދިއުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.




