އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތު ފޮރިން އެފެއާރޒު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޑރ. ޢަބްދުﷲ ޚަލީލުގެ ބަދަލުގައި މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ އިރުތިޝާމް އާދަމްއެވެ.
މި ބައްދަލުވުމުގެ ތެރެއިން، ކޮމަންވެލްތުގެ މަސައްކަތްތަކުގެ ހަރުދަނާކަން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުން ސަރުކާރުތަކުގެ ވެރިންނަށް ބާއްވާ ބައްދަލުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މައުލޫމާތު ބަދަލުކޮށްފައެވެ.
މި ބައްދަލުވުމަކީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. ޚާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލިއެވެ.
ކޮމަންވެލްތަކީ، 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ.




