މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަށް މިއަދުން ފެށިގެން ސަރުކާރު ބަންދުކޮށްފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ.
ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ސަރުކާރު ބަންދު ކުރަން ފެށީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތަށް ހަމަޖެއްސެވީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ އިތުރުން، އަޅުކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ މަގުސަދުގައެވެ.
ސަރުކާރު ބަންދުވި ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކުން އެކަށީގެންވާ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
ރައީސް އޮފީހުން ކުރިން ބުނިގޮތުގައި، މި ބަންދު ދުވަސްތަކުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެއެވެ.




