އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީންއާއި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުالله އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް މަރާމާތުނުކޮށް، ގިނަ ދުވަސްވުމުން ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށެވެ.
އެހެންވެ، އެ ތަކެތި މަރާމާތުކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން މިހާރު ގެންދަނީ އެމްބިއުލާންސް ހަލާކުވެފައިވާ ރަށްރަށަށް އާ އެމްބިއުލާންސްތައް ފޮނުވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި އިތުރު 14 ރަށަކަށް އާ އެމްބިއުލާންސް ހަވާލުކޮށްފައިވެއެވެ.



