އައްޑޫ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ އަމަލީ މަސައްކަތް މި ރަމަޟާން މަހަށް ފަހު ފަށާނެ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް އާއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވަނީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވާފައެވެ.
އެގޮތުން ނަޖާޙް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
”ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން އަޅުގަނޑުމެންނަށް ވަރަށް ޔަޤީންކަން ދެއްވާ ރަމަޟާންމަސް ހަމަ ނިންމާގޮތަށް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ގްރައުންޑްގަ ފަށާނެ ކަމަށް، މިހާރުވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދޭ“ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ، އައްޑޫ ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.



